Tuesday, 28 July 2026

ޝަމްއާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރިތާ ނުވަ މަސް ފަހުން، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޝައްމާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާ އެކު ޝައްމާން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި މިއަދު އެދިފައިވާ ކަމަށެވެ.

އެހެންވެ، އެ ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ޝައްމާން މިނިވަންކޮށްފައެވެ.

ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން މިއަދަށް ނުވަ މަހާއި ތިން ދުވަސް ހަމަވާނެ އެވެ.

ޝަމްއާން މިއަދު ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައެވެ. އެއީ، ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *