Tuesday, 28 July 2026

ކުޑަކުއްޖެއް ރަހީނުކޮށް، މަރާލައި އެއްލާލި މައްސަލައިގައި އެކަކު މައްޗަށް ދައުވާތައް ސާބިތުވެއްޖެ

ރަހީނުކޮށް މަރާލައި، ލަގެޖް ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެ، 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ހުކުމްކޮށްފިއެވެ.

ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖަކު މަރާލުމަށް ފަހު ފޮށްޓަކަށްލައި، އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ. އޭނާ އަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް އެއީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރި ކުށެއް ކަމަށް ވާތީ އޭނާގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އެ މައްސަލައިގައި ދައުވާކުރީ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.

އެ މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކުރިއެވެ.

އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވާ ކަމަށް މިދިޔަ އަންގާރައިގައި ހުކުމްކޮށްފައެވެ.

އެގޮތުން ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމުގައިވެއެވެ.

ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް ޖުވެނައިލް ކޯޓުން އިއްވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނުގެ ބައި އަދިވެސް އޮތީ ކްރިމިނަލް ކޯޓުގައި ކަމަށާއި އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށެވެ.

އެ ކުއްޖާ މަރާލައި، ފޮށްޓަކަށްލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލެ 2 ގެ މޫދުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *