މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އަދި އެފަދަ ނާތަހުޒީބު އަމަލުތައް ވީޑިއޯކޮށް ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
ވައްކަމުގެ ތުހުމަތުކޮށް، މީހަކު މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ދަނޑިވަޅުގައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއަށް އަނިޔާކުރުމަކީ ލާއިންސާނީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުނުކުރުމަށް ވަނީ އެދިފައެވެ.
އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށްވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.


