ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި މީގެކުރިން ވެރިކަން ކުރެއްވި، ކުރީގެ ދެ ރައީސުން މިހެން ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ރައީސް ޞާލިޙް ވިދާޅުވީ، ކުރީގެ ރައީސުންނާ އެކު ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ ކަންތައްތައް ހުރި ކަމަށެވެ.
އެ ބައްދަލުވުމުގައި، ދެ ބޭފުޅުން ޔާމީނާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޞާލިޙް ވިދާޅުވީ، އެ މަނިކުފާނާ އެކީ ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.
"ރައީސް މައުމޫނު އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ވިދާޅުވީ މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. އަދި އެކަންކަން ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ ދެ ބޭފުޅުން ވެސް އެދިވަޑައިގަންނަވާ ކަމެއްކަމަށް ދެ ރައީސުންވެސް މިއަދު ވިދާޅުވިއެވެ.
"މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމަ އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެން އެދޭ ކަމެއް،" ދެ ބޭފުޅުން ވެސް އެއްބަސްވަމުން ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ދެ ރައީސުން މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީން ވެސް ވަނީ އެކުގައި މަސައްކަތް ކުރުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު އަރުވާފައެވެ.


