ވިޔަފާރި އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 30 ތަނެއް މާލެއިން ފާހަގަކުރެވިފައިވާކަމަށާއި އޭގެތެރެއިން މިއަހަރު 11 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ކައުންޓަ-ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރު ފާތިޙް މުޙައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަކުރެވޭ އިރު މާޅޭގައި އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް އެބަހުރި ކަމަށެވެ.
"އެއީ އަޅުގަނޑުމެން އަބަދުވެސް އެކިއެކި އޮޕަރޭޝަންސްތައް ހިންގައި، ރޫޓިންކޮށް އެތަންތަނަށް ވަދޭ އެތަންތަނަށް އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯ ބަލަމުންދާ ތަންތަން" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަނޑާއި އަދި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެ ންދިޔަ އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6،860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ އެވެ.
މސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަންތަކުގައި ޓްރެފިކިންގެ މިންގަނޑަށް ފެތޭ 16024 މީހުންނާއި ސުވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މަސްތުވާތަކެތީގެ 188 އޮޕަރޭޝަންވަނީ ހިންގާފައެވެ. މީގެތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 137 މީހަކު ހިމެނޭތީ އެމީހުން ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފޮނުވާލުމަށް، މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން 301 މީހަކަށް ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ނިޒާމަށް ފޮނުވިފައިވާކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ދާދި ފަހުން ފުލުހުން "އަލިމަގު" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. މީގެ ތެރޭގައި ޑްރަގް ނެޓްވޯކްތަކުގެ ބޮޑުންތަކެއް ވެސް ހިމެނެ އެވެ.


