އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ މި ދުވަހަކީ މިނިވަންކަމާއި، ޑިމޮކްރަސީ އަދި ހެޔޮވެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށް އިންޑިއާގެ ރައްޔިތުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ގުޅުމެއްކަން ފާހަގަކުރައްވަމުން، ރައީސް ވަނީ އިންޑިއާއަށް އިތުރު ފާގަތިކަމަށް އެދިވަޑައިގެންފައެވެ.


