Tuesday, 28 July 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: ޝާހިދު

އެމްޑީޕީ ގެ ރައީސްގެ މަގާމުގައި ހުންނަވައި އެތެރޭގެ އިންތިޚާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ ޤަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް އެޕާޓީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިމިވަނީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށް ޝާހިދު ތާއީދުކުރައްވަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިހާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރެއްވުމަކީ ގަބޫލުކުރަށްވާ އުސޫލެއް ނޫން ކަމަށެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި އިންތިޚާބު އެމްޑީޕީއަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

"މާތް اللهގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ," ޝާހިދުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *