Thursday, 29 October 2026

މަސައްކަތް ކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ހަމަޖައްސަދޭނަން: ރައީސް

ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޯހިޔާފަހިކަން ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އެތެރެވެހީގައި ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އާއިލާއާ ދުރަށް ގޮސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށާއި ރަށާ ކައިރީގައި ހުންނަ ރިސޯޓެއްގައި މަސައްކަތްކުރަން ދެވޭނެ ގޮތެއް ވެއްޖެއްޔާ ޒުވާނުންނަށް ފުރުސަތުތައް އިތުރުވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ޚާއްސަ ކުރާނެއެވެ.

"މިގޮތަށް ބަލާއިރު، އެއް ކަމަކީ ގެދޮރުވެރިކަން، ހައުސިން. އެހެންވީމާ ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން ޓޫރިޒަމް ސެކްޓާއަށް ވަންނަ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް ހައުސިންގެ ދާއިރާއިން، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހޯދައިދޭން. އެ ރިސޯޓެއްގެ ކައިރިން ނޫނީ ޓޫރިޒަމް އޭރިއާތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަންދިނުމަކީ މި ސަރުކާރުގެ ސިޔާސަތެވެ. އެގޮތުން ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ޒުވާނުންނަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *