ސިނަމާލެ ބުރިޖު ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި ރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ރޭސިން ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން މާލޭގައި އަޅާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގައި ހަދާ ރޭސިން ޓްރެކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއިން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރޭސިން ޓްރެކެއް، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމުކޮށްފިނަމަ އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. އެހެންކަމުން އެތަން ތަރައްގީކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފެނުނީ ހައިވޭއާ ޖެހިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މީހުން ނޫޅޭ ސަރަހައްދެއްގައި، އެހެންނަމަވެސް މާލެއާ އެއްފަސްކޮށް ބުރިޖަކުން ގުޅިފައި އޮންނަ ހިސާބެއްގައި ޓްރެކް ހަދަން ބަލާ އިރުގައި ހެދެން އޮތް އެންމެ ރަނގަޅު ތަނެއް ކަމަށް ޓެކްނިކަލް ލަފާ އޮތް ލޮކޭޝަނަކީ އެއީ. އެހެންވީމާ އެ މަސައްކަތް އެމްއޭސީއެލުން ދާދި އަވަހަށް ފަށާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރޭސިން ޓްރެކެއް މާލޭއާއި އައްޑޫ އަދި ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.


