ހުޅުމާލޭގެ މަގުތަކުގައި އެންމެ ފަހުން އަޅައި، އާންމުންގެ ޝަކުވާ ބޮޑުވުމުން ނެގި ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ، އޭގެ ޒާތުގައި ރަނގަޅު ބަމްޕަރުތަކެއް ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެކަމުގައި އޮތް މައްސަލައަކީ އުސޫލުގެ ތެެރެއިން އަމަލުކުރަންޖެހޭނަމަ ބައެއް ދިވެހީންނަށް އެކަން ޝަކުވާއަކަށްވުން ކަމަށެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، ހުޅުމާލޭގައި ބަމްޕަރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސައިޒުތަކާއި މިންގަނޑުތަކުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގައި އަލަށް ބޭނުންކުރި އެއްޗެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ "ސްޓޭންޑަޑް ބަމްޕަރު" ތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަސީހު ވިދާޅުވި ގޮތުގައި ބަމްޕަރުތަކާ މެދު ޝަކުވާ އުފެދުނީ އެ އެޅިފައި ހުރި ގޮތުން ދުއްވާ މީހުންނަށް އުނދަގޫތަކެއް ވުމުން ކަމަށް ވެދާނެއެވެ. ނަމަވެސް، މައްސަލައަކީ ބަމްޕަރު ނޫން ކަމަށާއި، ދުއްވާ މީހުންގެ އަމަލުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަމްޕަރަށް އެރުމުގެ ކުރިން ސްޕީޑް މަޑުކުރަންޖެހޭ ވަރަށް މަޑުކުރާނަމަ އޭގެ ފައިދާ ކުރާނެ،" ފަސީހު ވިދާޅުވިއެވެ.
ހުޅުމާލޭގެ މައި މަގު ކަމަށްވާ ނިރޮޅުމަގުގައި އެ ބަމްޕަރުތައް އެޅުމުން އެކްސިޑެންޓްތައް މަދުވިކަން ފާހަގަކުރެވުނު ނަމަވެސް، ރައްޔިތުންނަށް ތަކުލީފުތަކެއް ވާތީ އެ ތަކެތި މިހާރު ވަނީ ނަގާފައެވެ. ފަސީހު ވިދާޅުވީ އެއީ ރާއްޖޭގައި ހަދައިގެން އުޅޭ އެއްޗެއް ނޫން ކަމަށާއި، އެހެން ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.
މީގެ އިތުރުން، މަގުތަކުގައި ހަދާފައިވާ ރައުންޑްއެބައުޓްތަކާ ގުޅޭގޮތުން ވެސް ފަސީހު ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ރައުންޑްއެބައުޓްތައް ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ ޓްރެފިކް ފްލޯ ވަރަށް އޮމާންކޮށް ދައުރުވާނެ ކަމަށެވެ. ނަމަވެސް ބައެއް ދިވެހިންނަށް މަޑުކޮށްލައިގެން އުސޫލުގެ ތެރެއިން ދާން ޖެހުމަކީ ޝަކުވާއަކަށް ވާކަމަށާއި، އޭގެ ސަބަބުން ލިބޭ ރައްކާތެރިކަން އެ ވަގުތު އިހުސާސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ތިން މަހެއްހައި ދުވަސް ކުރިން އެޗްޑީސީން ހަރުކުރި މި ސްޕީޑް ބްރޭކަރުތައް ނަގާފައިވަނީ، އާންމުންގެ ފާޑުކިޔުންތަކާއި ޝަކުވާތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެންނެވެ.


