ސިޑްނީން ފުރައިގެން މެލޭޝިއާގެ ކުއާލަލަމްޕޫރަށް ދަތުރުކުރި އެއަރ އޭޝިއާގެ ފްލައިޓް D7221، ކެބިން ޕްރެޝަރަށް ދިމާވި މައްސަލައަކާ ގުޅިގެން ބްރިސްބޭން އެއަރޕޯޓަށް ކުއްލި ހާލަތުގައި ޖައްސައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު ސިޑްނީން ފުރިތާ ދެ ގަޑިއިރު ފަހުންނެވެ.
ފްލައިޓް ރޭޑާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޯޓުގެ އުސްމިން ވަނީ އާންމުކޮށް ދަތުރުކުރާ 34,000 ފޫޓުން 10,000 ފޫޓަށް ކުއްލިއަކަށް ތިރިކޮށްފައެވެ. މިއީ ގާތްގަނޑަކަށް 24,000 ފޫޓުގެ ތިރިވުމެކެވެ. މި ހާލަތާ ގުޅިގެން ބޯޓުން ވަނީ ބައިނަލްއަގުވާމީ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ "squawking 7700″ ކޯޑު ފޮނުވާފައެވެ.
އެއަރ އޭޝިއާގެ ތަރުޖަމާނަކު ޑެއިލީ މެއިލްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯޓު ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ކެބިން ޕްރެޝަރާ ގުޅޭ އެލާޓެއް ކްރޫއިންނަށް ފާހަގަކުރެވުނު ކަމަށެވެ.
"ކެބިން ޕްރެޝަރު ރައްކާތެރި މިންވަރެއްގައި ހުރި ނަމަވެސް، އޮޕަރޭޝަނަލް ސޭފްޓީ އުސޫލުތަކާ އެއްގޮތަށް ކެޕްޓަން ނިންމެވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު ބްރިސްބޭން އެއަރޕޯޓަށް ޑައިވާޓް ކުރުމަށް،" ތަރުޖަމާނު ވިދާޅުވިއެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 142 ފަސިންޖަރުންނާއި 11 ކްރޫއިން ވަނީ އެއްވެސް ނުރައްކަލެއް ނެތި ބޯޓުން ބާލާފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ފަސިންޖަރުން ވަނީ ބްރިސްބޭންގައި މަޑުކުރަން ޖެހިފައެވެ.
އެއަރލައިނުން ހާމަކުރި ގޮތުގައި، ސަލާމަތީ އުސޫލުތަކުގެ ދަށުން މިހާރު ދަނީ ބޯޓަށް ދިމާވި މައްސަލަ ބަލައި އިންޖިނިއަރިންގ އެސެސްމަންޓެއް ހަދަމުންނެވެ. މިއީ ފަހަކަށް އައިސް ވައިގެ ދަތުރުފަތުރުގައި މިފަދަ ކުއްލި ހާލަތްތައް ދިމާވެގެން ރިޕޯޓްކުރެވުނު އެއް ހާދިސާއެވެ.


