Tuesday, 28 July 2026

ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރަނީ

ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންނަށް ވެސް ކިޔަވައިދޭ ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން އިއުލާނު ކުރެއްވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ކުރިން ވެސް އޮތް ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒު ނުކުރެވޭތީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދިރާސީ އާ އަހަރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް އެ އުސޫލު ވަރުގަދައަށް ތަންފީޒު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަތީ ސާނަވީގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިއުމުގެ ހުއްދަ އޮތް ނަމަވެސް، ކިޔަވައިދޭ ވަގުތުތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް ލޮކަރު ސިސްޓަމެއް ގާއިމުކުރަން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ "ކްލާސް ގަޑީގައި އެއްވެސް ކުއްޖަކު ފޯނު ބޭނުން ނުކުރެވޭނެ. އެ ލޮކަރަށް ލާފައި ބަންދުކޮށްފައި ބާއްވަން ޖެހޭނީ ކިޔަވައިދޭ ގަޑީގައި ބޭނުން ނުކޮށް،" ކަމަށެވެ. ނަމަވެސް އެ ކުދިންގެ އުމުރަށް ބަލައި، ހުސް ވަގުތުތަކުގައި ފޯނު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަން ފާހަގަކުރެއްވިއެވެ.

މި ބަދަލު ގެންނަން ނިންމީ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށާއި، ސްކޫލު މާހައުލަކީ ކިޔެވުމަށް އެންމެ އެކަށޭނަ މާހައުލަކަށް ހެދުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. މި އާ އުސޫލަށް އަމަލުކުރަން ފެށުމުން ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ، ދަރިވަރުންގެ ސަމާލުކަން ފިލާވަޅުތަކަށް އިތުރަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *