ހުޅުމާލޭ 2 ގައި ހުންނަ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި ދެ ބެއިންގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި ހަމަލާގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެންމީހާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ޒަހަމްވި މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ އޭޑީކޭއަށް ފޮނުވަނީ ސާޖަރީއެއް ހެދުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި ނަމަވެސް، އެއީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ފުލުހުން ބުނީ، ހިޔާގެ 8 ވަނަ ޓަވަރުގެ ފްލެޓެއްގައި އަޑުގަދަވެގެން ރިޕޯޓެއް ލިބިގެން އެ ތަނަށް ފުލުހުން ގޮސް ބެލިއިރު، އެއީ ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ހާދިސާއެއް ކަމަށެވެ. އަނިޔާވި މީހާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީގެން މީހަކު ޒަހަމްކޮށްލި މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.


