ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބިނާކޮށެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ. ރަނާއި ރިހީގެ ބާޒާރު އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިންނެވެ. މިހާރުގެ އަގުތަކަށް ބަލާއިރު، ރިހީގެ ގްރާމެއްގެ އަގު ހުރީ 32.82 ރުފިޔާގައެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، އެ މިންވަރެއް ތިމާގެ މުދަލުގައި ހަމަވުމުން އެއިން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ފައިދާހުރި ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިޞާބު ކަނޑައެޅުމެވެ. އެހެނީ ރިހީގެ އަގަށް ނިޞާބު ކަނޑައެޅުމުން ޒަކާތް ވާޖިބުވާ މިންވަރު ކުޑަވެ، ފަގީރުންނަށް ލިބޭ މިންވަރު އިތުރުވެގެންދެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ، "މީރާ" މެދުވެރިކޮށެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.


