ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިހާތަނަށް 40 ހެކްޓަރު ހިއްކައި ނިންމާލާފައިވާކަމަށް އެމްއޭސީއެލް (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް) އިން ބުނެފި އެވެ.
ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ތެރެއިން މިހާތަނަށް 63.5 ޕަސެންޓު ނިމިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ހުޅުމާލެ ތިނެއްގެ ސަރަހައްދާއި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި ވަނީ ގުޅުވާލާފަ އެވެ. އެމްއޭސީއެލް އިން މިއަދު އާންމުކުރި ފޮޓޯތަކުން ވަނީ ހުޅުމާލެ ތިނަކާއި ފަރުކޮޅުފުށި އެއްކޮށްލާފައިވާ މަންޒަރު ދައްކާލާފައެވެ.
ފޭސް 3 ގެ ބިން ހިއްކުމަކީ ހުޅުމާލޭގެ މާސްޓަޕްލޭނަށް ގެނެވުނު ބޮޑު ބަދަލެކެވެ. ކުރިން މާސްޓަޕްލޭނުގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށް، އަދި އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. ނަމަވެސް، އެޗްޑީސީން މިދިޔަ މެއި މަހު މާސްޓަޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލެ ދޭކާއި ތިނަކާ ދެމެދުގައި ކުރިން ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލުމަށް ނިންމީ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައުމުގެ މަގްސަދަކީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމެވެ.
މީގެ އިތުރުން، އެޗްޑީސީން މި ބަދަލު ގެނައުމުގެ ދެވަނަ ސަބަބަކީ ހުޅުމާލޭގެ ބަނދަރު ސަރަހައްދު މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމެވެ. މި ބަދަލުގެ ސަބަބުން ބަނދަރުގައި އުޅަނދުފަހަރު އެޅުމަށާއި ލޮޖިސްޓިކްސްގެ ކަންކަމަށް ލިބޭ ޖާގަ އިތުރުވެ، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ވަނީ މާލޭގެ ރައްޔިތުންނަށް 1،351 ގޯތި ދިނުމުގެ މަޝްރޫއާ ވެސް ގުޅިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ތިނަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސްކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާތީ، ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ އެވެ. އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ވެސް 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ލަފާކުރައްވާފައިވެ އެވެ.


