ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ތ. ހިރިލަންދޫއަށް ނިސްބަތްވާ، 25 އަހަރުގެ މުހައްމަދު ނަވާޒު ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫ ބަނދަރު މަތިންނެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ނަވާޒު ހުއްޓުވައި ބަލައި ފާސްކޮށްފައިވެ އެވެ. އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިއިރު ފަހާފައި ހުރި ކަމަށް ފާހަގަވުމުން އިތުރަށް ބެލިބެލުމުން، އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ. މީގެ އިތުރުން، ނަވާޒުގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މުވައްޒަފަކު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމާ އެކު، އޭނާ ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ. މިކަން ހާމަކުރަމުން ފުލުހުން ބުނީ، ނަވާޒަކީ ފުލުހެއް ކަމަށްވާތީ، އޭނާ ހައްޔަރުކުރުމާއެކު ވަޒީފާ އިން ސަސްޕެންޑްކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


