Tuesday, 28 July 2026

ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ 1.9 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ފަސްވެގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މުޅިން މަޢާފުކޮށްދީފި އެވެ. މިގޮތުން މަޢާފުކޮށްދީފައިވަނީ ޖުމްލަ 1.9 މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާ އެވެ. މިކަން ހާމަކުރައްވާފައިވަނީ ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ދެއްވި ބަސްދީގަތުމެއްގަ އެވެ.

އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމުގެ ނިންމުން ސަރުކާރުން ނިންމަވާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގަ އެވެ. މިގޮތުން މާފުކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ހުރިހާ ޖޫރިމަނާތަކެކެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ހިމެނެ އެވެ.

ހިޔާ ޓަވަރުތަކުގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާ އެވެ. މީގެ އިތުރުން މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ކޮންމެ މަހަކު ޖުމްލަ 4،984 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް އެޗްޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު މިހާރު ވަނީ 700 މިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފަ އެވެ.

މި ޖޫރިމަނާތައް މާފުކޮށްދިނުމުގެ ނިންމުން އައީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވި ޔަގީންކަމަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 200،000 ރުފިޔާ މާފުކުރުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ބަދަލު އެގްރީމަންޓަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ކުލީގެ ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށް ވެސް ލުއި ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *