Monday, 26 October 2026
ޝަރީފް އުސްމާން ހާދީ -- ފޮޓޯ: ބީބީސީ

ބަންގްލަދޭޝްގެ ޒުވާނުންގެ އިޙްތިޖާޖުގެ ލީޑަރެއްގެ މަރާއެކު ހަމަނުޖެހުން ބޮޑުވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ވެރިކަމުން ދުރުކުރުމަށް ކުރި ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ޝަރީފް އުސްމާން ހާދީ މަރުވުމާ ގުޅިގެން އެ ޤައުމުގައި ހަމަނުޖެހުންތައް ބޮޑުވެ، މުޒާހަރާގެ ބައިވެރިން  އޮފީސްތަކަށް ގެއްލުންދީ އަލިފާން ޖަހައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގައި އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޝަރީފް އުސްމާން ހާދީއަށް ބަޑިޖަހާފައިވަނީ މޫނު ނިވާކުރި ބަޔަކު ފާއިތުވި ހަފްތާގައި ޑާކާގެ މިސްކިތަކުން ނިކުންނަނިކޮށެވެ. އޭނާ ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހު ސިންގަޕޫރުގައި ވަނީ މަރުވެފައެވެ. މި ހަމަލާ ދީފައިވަނީ 2024 ވަނަ އަހަރުގެ އިންތިޚާބު ބާއްވާނެ ތާރީޚު ބަންގްލަދޭޝްގެ އޮފިޝަލުން އިޢުލާންކުރިތާ އެއްދުވަސް ފަހުންނެވެ. ހާދީ ވަނީ މި އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރާވާފައެވެ.

ބުރާސްފަތި ދުވަހު އޭނާ މަރުވި ޚަބަރު ފެތުރުމާއެކު ސަތޭކަޔަށްވުރެ ގިނަ މީހުން ވެރިރަށް ޑާކާގެ މައިދާނަކަށް އެއްވެ، އިޙްތިޖާޖުކުރިއެވެ.މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ދަ ޑެއިލީ ސްޓާރ" އަދި "ޕްރޮތޮމް އަލޯ" ގެ އޮފީސްތަކުގައި ހަލާކުކޮށް، އެއް އިމާރާތެއްގައި އަލިފާން ޖަހާފައެވެ. ނޫސްވެރިން އިމާރާތްތަކުގެ ތެރޭގައި ތާށިވެފައި ތިބުމުން، އެމީހުން ސަލާމަތްކުރުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރިވިއިރު، ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. ފުލުހުން ބުބުނިގޮތުގައި މި ހަމަލާދީފައިވަނީ ސަތޭކަޔަށްވުރެ ގިނަ މީހުން އެއްވެގެންނެވެ.

32 އަހަރުގެ ހާދީއަކީ އިންޤިލާބު މަންޗާ ސްޓޫޑެންޓް ޕްރޮޓެސްޓް ގްރޫޕްގެ އިސް ލީޑަރެކެވެ. އަދި އޭނާއަކީ މިހާރު އަވަށްޓެރި އިންޑިއާގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ކުރީގެ ބޮޑުވަޒީރު ޙަސީނާގެ ވަރަށް ބޮޑަށް ފާޑުކިޔާ ބޭފުޅެކެވެ. ޙަސީނާ ވެރިކަމުން ދުރުވެފައިވަނީ ފާއިތުވި އަހަރުގެ އޮގަސްޓް މަހު، ދުވަސްތަކެއް ވަންދެން ހިނގި ސްޓޫޑެންޓް އިޙްތިޖާޖުތަކަށްފަހުގައެވެ. އޭނާ ވަނީ އިޙްތިޖާޖުކުރި މީހުންނަށް ލޭތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުށުގައި މަރުގެ ހުކުމްވެސް ލިބިފައެވެ.

ވަގުތީ ސަރުކާރުގެ އިސްވެރިޔާ، ނޮބެލް ޢިނާމް ލިބިފައިވާ މުޙައްމަދު ޔޫނުސް ވިދާޅުވީ ހާދީގެ މަރަކީ ޤައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ހާދީއަށް ދިން ހަމަލާއަކީ ރޭވުމެއްގެ ދަށުން ދިން ހަމަލާއެއް ކަމަށާއި، ކޮންސްޕިރޭޓަރުންގެ މަޤްޞަދަކީ އިންތިޚާބަށް ހުރަސްއެޅުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *