މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއި، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް އާއްމުންނަށް އިލްތިމާސްކޮށްފި އެވެ. އެގޮތުން އެންޑީއެމްއޭއިން ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ފެންބޮޑުވުމުގެ އެކި ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށް އެކަމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
ވިއްސާރަވުމާއި ވައިގަދަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެންއެންޑީއޭއިން ނެރުނު ބަޔާނުގައި ވަނީ މޫސުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ކޮންމެ މީހަކު ވެސް ދުރާލާ ތައްޔާރުވުމަކީ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިދާނެ ތަކެތި ރައްކާތެރިކުރުމަށް އެންމެންވެސް ސަމާލުވުމަށް އެދިފައިވެއެވެ.
އަދި ފެންބޮޑުވެއްޖެނަމަ ގެއްލުންވާނެ ފަދަ މުދާ، ފެނުގެ އަސަރު ނުފޯރާނެ ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ނިކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ. ދަތުރުތައް ކުރުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.
މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިމާވެދާނެ ކޮންމެ ހާދިސާއަކަށް ތައްޔާރުވެފައި ތިބުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް އެންޑީއެމްއޭއިން އެދެ އެވެ.


