Tuesday, 28 July 2026

މާލޭގެ މޭޔަރުކަމަށް ޕީއެންއެފްގެ ޓިކެޓުގައި ޒަރިޔަންދު ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިސްމާއިލް ޒަރިޔަންދު ވާދަކުރައްވަން ނިންމަވައިފި އެވެ. މިކަން އިއުލާންކުރީ ޕީއެންއެފުން ރޭ އާޓިފިޝަލް ބީޗުގައި "ރިސެޓް" ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ.

ޒަރިޔަންދަކީ ސިޔާސީ ދާއިރާއަށް އައު ބޭފުޅެއް ނޫނެވެ. އޭނާއަކީ އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަނެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބަކީ ގިނަ ސިޔާސީ ޕާޓީތަކެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިހާބެކެވެ. ޕީއެންއެފްގެ ޓިކެޓުގައި ޒަރިޔަންދު ވާދަކުރައްވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ނިކުންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ. މި ދެ ބޭފުޅުންގެ ވާދަވެރިކަން މި އިންތިހާބުގައި ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *