ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުން، މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވުމަށް %97 ދާއިރާއިން ކެނޑިޑެޓުން ހަމަޖެހިފައިވާ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިޙާބުގައި، ޕީއެންސީ ފަރާތުން ވާދަކުރައްވަން ބޭނުންވާ، ފަރާތްތަކަށް އެޕާޓީއިން ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައެވެ. އެގޮތުން 1 ޑިސެމްބަރުން ފެށިގެން 15 އާ ހަމަޔަށް ބާއްވަމުންދާ ޕްރައިމަރީގައި މަދު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކުން ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އަދި މިއީ އެއްޕާޓީއަކުން ލޯކަލް ކައުންސިލް އިންތިޚާބަށް، އެހާ ގިނަ ކެނޑިޑޭޓުން ކުރިމަތިލާނެ ފުރަތަމަ ފަހަރުކަމަށް ޕީއެންސީއިން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިހާ ގިނަ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކުރުމަށް ކުރިމަތިލާފައި ނުވާ ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ފޯމު ހުށަހަޅާފައިވޭ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ އަދަދު އަޅުގަނޑުމެން ބަލާލިން. ބައެއް ޕާޓީތަކަށް 80 އިންސައްތަ އަށް ވާދަ ކުރެވިފައިވޭ. 90 އިންސައްތައިން މައްޗަށް ނާރާ. މިފަހަރު ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ނިސްބަތް 97 އިންސައްތައަށް އަރާ،" ފަލާޙް ވިދާޅުވިއެވެ. އަދި މިއީ ޕީއެންސީއަށް ލިބިފައިވާ ތާރީޚީ ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، މިފަހަރު ޕްރައިމަރީގައި ވާދަކުރުމަށް އެޕާޓީން ހުޅުވާލިއިރު، ބައެއް ދާއިރާތަކުން ވާދަކުރާނެ ކެނޑިޑޭޓުން ހޯދުމަށް މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޕާޓީގެ ޕްރައިމަރީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތު ދިނުމަށް ފަހު، ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިމަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ވަނީ މިހާރު ފަށާފައެވެ. އަދި އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 16:00 އާއި ހަމައަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު އޮންނާނެކަމަށް ޕީއެންސީން ވިދާޅުވެއެވެ. ޕީއެންސީގެ މި ތާރީޚީ ކާމިޔާބީއަކީ އެޕާޓީއަށް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ވަރުގަދަ ތާއީދެއްކަން ފަލާޙް ފާހަގަކުރެއްވިއެވެ.


