ދަންވަރު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ފުލުހުންނަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ. މިގޮތުން، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް އާންމު ތަންތަނުގައި އުޅޭ ބިދޭސީންގެ ފަރާތުން މުޖުތަމައުގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ފާހަގަވާތީ، އެކަމަށް ފިޔަވަޅު އެޅުމަށް ވަނީ އަންގަވާފައެވެ.
ރައީސް މިގޮތަށް ނިންމަވާފައިވަނީ ރޭ ގަލޮޅު ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ރައްޔިތުން ވަނީ، ރޭގަނޑު ދަންވަރު ބޭރުގައި އުޅޭ ބިދޭސީންގެ ސަބަބުން އާންމު މަސްލަހަތު ގެއްލޭ ކަމަށާއި، އިޖުތިމާއީ މިންގަނޑުތަކާ ނުފެތޭ ކަންކަން ފާހަގަވާ ކަމަށް ބުނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސް އަރިހުން އެދިފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުންދާ މައްސަލަތައް ހައްލުކުރުމަށްޓަކައި، މިރެއިން ފެށިގެން އެފަދަ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަން ޖެހޭ ނަމަ، އެ ފިޔަވަޅުތައް އަޅަން ވެސް ފުލުހުންނަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.


