އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގުޅިގެން ކުރިއަށްގެންދިޔަ ދެޤައުމުގެ އަސްކަރީ އެކްސަސައިޒް، 'އެކުވެރިން 2025′ ގެ ނިންމުން ތިރުވަނަންތަޕޫރަމްގައި ބާއްވައިފިއެވެ. އިންޑިއާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި މި އެކްސަސައިޒަކީ ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވަރުގަދަ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނުތައް މައިގަނޑު ގޮތެއްގައި ފޯކަސްކޮށްފައިވަނީ މިހާރުގެ އޮޕަރޭޝަނަލް މާހައުލުތަކުގައި ބަޣާވާތްތަކާއި ޓެރަރިސްޓް ހަރަކާތްތަކާ ދެކޮޅަށް ކުރާ އޮޕަރޭޝަންތަކަށެވެ.
މި އެކްސަސައިޒްގެ ވެލިޑޭޝަން ފޭސް ބައްލަވާލެއްވުމަށް އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން މޭޖަރ ޖެނެރަލް އާރް.ޑީ. ޝަރްމާ އަދި ދިވެހިރާއްޖޭގެ ފަރާތުން ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދެ ޤައުމުގެ އޮބްޒާވަރުންގެ ވަފުދުތަކުން ވެސް މި ހަރަކާތްތައް ވަނީ ބައްލަވާލާފައެވެ.
'އެކުވެރިން 2025′ ކަސްރަތުގެ އެންމެ މުހިންމު މަޤްޞަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ މަސަލަސްކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށް ދެ ޤައުމުން ވެފައިވާ އަސްކަރީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމެވެ.


