Tuesday, 28 July 2026

4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނަން: ރައީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން އެމަނިކުފާނު ދެއްވީ، މާލޭ ސިޓީގެ ގަލޮޅު ދާއިރާގެ ރައްޔިތުންނާއެކު ރޭ، ޢިމާދުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުވުމުގައި ގަލޮޅު ދާއިރާގެ ގިނަ ރައްޔިތުން ޙިއްޞާކުރެއްވީ ބޯހިޔާވަހިކަމާ ގުޅުންހުރި ކަންބޮޑުވުންތަކެވެ. ރައީސް ވަނީ ކޮންމެ ރައްޔިތެއްގެ ޚިޔާލާއި، ފާޅުކުރެއްވި ޝުޢޫރަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މިއިން ކޮންމެ ކަމަކީވެސް، ސީރިއަސްކަމާއެކު ބައްލަވާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ.

ޚާއްޞަކޮށް، 4000 ހައުސިންގ ޔުނިޓްގެ ޑައުންޕޭމަންޓާއި، އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ބައެއް ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ގަލޮޅަކީ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރެވިފައިވާ ފްލެޓްތައް އެންމެ ގިނަ ސަރަޙައްދަށް ވާއިރު، ފްލެޓްތަކުގައި ދިރިއުޅުއްވާ ބައެއް ރައްޔިތުން ތަޙައްމަލުކުރައްވާ ތަކުލީފުތައްވެސް ރައީސްއާ ހިއްސާކުރެއްވިއެވެ. އެކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އެހީއެއް ފޯރުކޮށްދެއްވުމަށްވެސް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުން ހުށަހެޅުއްވި އަނެއް މައްސަލައަކީ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެވިފައި އޮތް ނަމަވެސް، އެ ގޯތިތައް ކަނޑައިނުދެވި ލަސްވަމުންދާ މައްސަލައެވެ. ރައީސް ވަނީ ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވި ކުރައްވައި، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ގޯތިތައް ޙައްޤުވެރިންނާ ޙަވާލުކުރެއްވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް، އަދި ވަކީން ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައި ފާހަގަކުރައްވަމުން، ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މީގެ ކުރިން ހަވާސާ ކުރެވިފައިވާ ގިންތިއަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން، މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ޚާއްޞަ ކެޓަގަރީއެއް ނެތް މައިމުޅަވެފައިވާ ފަރާތްތަކަށް، އެމަނިކުފާނުގެ ސަރުކާރުން ހިންގަވާ ފުރަތަމަ މަޝްރޫޢުންވެސް ޙައްޤު ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *