މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އިން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ އާ ގަވާއިދު ގެޒެޓުކޮށް، އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ. އެ ގަވާއިދުގައި ވަނީ ވަކި މުއްދަތުތަކެއްގެ ފަހުން ނަރުހުންނާއި ޓީޗަރުން އަދި ޕައިލެޓުން ހިމެނޭހެން ވަޒީފާގެ ބައެއް ދާއިރާތަކަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލުމަށް ނިންމާފަ އެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، ވަޒީފާގެ ބާޒާރު ދިވެހިކުރުން ކަމަށް ބެލެވެ އެވެ.
ހޯމްލޭންޑް ސެކިޔުރިޓީ އިން ގެޒެޓުކުރި މި ގަވާއިދުގައި ވަނީ ކޯޓާ ދޫނުކުރާނެ ވަޒީފާގެ މަގާމުތައް ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކޯޓާ ދޫނުކުރާނެ މަގާމުތަކާއި، ވަކި މުއްދަތުތަކެއްގެ ފަހުން ކޯޓާ ދޫކުރުން ހުއްޓާލާނެ މަގާމުތައް ވެސް ހިމެނެ އެވެ.
ގަވާއިދުގެ ދަށުން މިހާރުން ފެށިގެން ކޯޓާ ދޫނުކުރާނެ މަގާމުތަކުގެ ތެރޭގައި ޓެކްސީ ޑްރައިވަރުން، މަތިންދާބޯޓުގެ ފަސްޓް އޮފިސަރުން/ކޯޕައިލެޓުން، ކަނޑު އުޅަނދުގެ ކެޕްޓަނުން، މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް އަދި ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތް ކުރާ ކޭޝިއަރުން ހިމެނެ އެވެ. މި މަގާމުތަކަށް ދިވެހިން ލިބެންހުރި މިންވަރަށް ބަލާ، މިނިސްޓްރީ އަށް މި ބަދަލުތައް ގެނައުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.
ވަކި މުއްދަތުތަކެއްގެ ފަހުން ކޯޓާ ބާތިލުވާ މަގާމުތައް
ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު ކޯޓާ ބާތިލު ކުރަންޖެހޭ މަގާމުތައް: ހެއާ ޑްރެސާ، ބިއުޓީޝަން، ބޭބީ ސިޓާ، ޕާސަނަލް ޓްރެއިނަރު، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރު (އިނގިރޭސި)، ޓުއާ ގައިޑް، އެކައުންޓެންޓު، އަދި އިމާމު.
ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރަށް ފަހު ކޯޓާ ބާތިލު ކުރަންޖެހޭ މަގާމުތައް: ޑައިވަރު، ނަރުހުން، ބިލްޑިން އިންސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުން، ޕައިލެޓް، އަދި ފޮޓޯގްރާފަރު.
ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރަށް ފަހު ކޯޓާ ބާތިލު ކުރަންޖެހޭ މަގާމުތައް: އިލެކްޓްރިކަލް އިންޖިނިއަރު އަދި ޑައިވް އިންސްޕެކްޓަރު.
ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރަށް ފަހު ކޯޓާ ބާތިލު ކުރަންޖެހޭ މަގާމުތައް: ހައުސް ކީޕިން މެނޭޖަރު، ހިޔުމަން ރިސޯސް މެނޭޖަރު، ފްރަންޓް އޮފީސް މެނޭޖަރު، އަދި ޕްރައިމަރީ/ސެކަންޑްރީ ޓީޗަރުން.
މި ގަވާއިދުގައި ބުނެފައިވާ ގޮތުން، ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެންހުރި މިންވަރަށް ބަލާ އެ މަގާމުތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު ހޯމްލޭންޑް މިނިސްޓްރީ އަށް ލިބިގެންވެ އެވެ. މި ގަވާއިދަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.


