Tuesday, 28 July 2026

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ ގޯތިތައް އިމާރާތް ކުރެވޭ އުސްމިނަކީ އެ ސަރަހައްދެއްގެ ޕްލޭނާއި، ފެނާއި ނަރުދަމާ ފަދަ އިންފްރާސްޓްރަކްޗާއާ ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންފްރާސްޓްރަކްޗާ ބަދަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް 10 ބުރިއަށް އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޕާކިންގް އާއި އާމްދަނީ ހޯދުމަށް ހާއްސަ ޝަރުތުތަކެއް

އިމާރާތްތައް އުސްކުރުމުގެ ހުއްދަ ދިނުމުގައި ވަކި ޝަރުތުތަކެއް ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލޭގައި ކުރިމަތިވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، 10 ބުރިއަށް އިމާރާތް ކުރާނަމަ އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ހާއްސަކުރުން މަޖުބޫރުވާނެއެވެ. އަދި ދިރިއުޅުމުގެ އިތުރުން އާމްދަނީ ހޯދޭނެ ވަސީލަތްތައް އެ އިމާރާތްތަކުގައި ހިމެނުމަށް ވެސް ލާޒިމް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"10 ބުރިއަށް ނެގޭ ގޮތަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު އިރާދަ ކުރެއްވިއްޔާ ގެނެސް އެ ފުރުސަތު 2 ފިޔަވަހީގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ގޯތިތަކުގެ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް

މީގެ އިތުރުން، ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް މާލީ ލުޔެއް ދެއްވުމުގެ ގޮތުން، އެގްރީމެންޓްގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށް ވެސް ރައީސް އިއުލާނު ކުރެއްވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ދޫކޮށްފައިވާ ގޯތިތަކަކީ ފައިސާ ދައްކައިގެން މިލްކުވާ ގޮތަށް ދޫކޮށްފައިވާ ތަންތަން ކަމަށާއި، ނަމަވެސް އެއްވެސް ސަރުކާރަކުން އެފަރާތްތަކަށް މާލީ ލުޔެއް ދީފައި ނުވާ ކަމަށެވެ.

"މިކިޔަނީ ބިޑްކޮށް ބީލަން އުސޫލުން ގަނެފަ ހުރި ގޯތިތައް ނޫން. ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފަ ހުރި ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ އެގްރީމެންޓުގަ އޮންނަ ޖުމްލަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް ސަރުކާރުން ދޭނަން. އެހެންވީމަ ބާކީ ދައްކަވަން އިންނަ އަދަދު އެބައި ކެނޑިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފޭސް ދޭއްގައި ވެސް އެގޮތަށް ގޯތި ދޫކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަން އެންމެ ބޮޑީ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ފްލެޓުތަކުގެ ކުލި ސަރުކާރުން މައާފުކުރަމުންދަނީ އެއްވެސް ބެލުމެއް ނެތިކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ ރައްޔިތުންގެ ހާލަތާއި ކަންބޮޑުވުންތައް ރަނގަޅަށް ދިރާސާކޮށް އަޑުއެހުމަށްފަހު ކަމަށެވެ. އަދި ދައުލަތުގެ އިގްތިސާދަށް ގެއްލުންވާނެ ގޮތަކަށް ނުވަތަ ދައުލަތަށް މާލީ ބުރައެއްވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އަދި ސަރުކާރުން ނިންމަވާ މިފަދަ ނިންމުންތަކަކީ ދައުލަތުގެ އިގްތިސާދަށް ގެއްލުން ނުވާނެހެން، ރައްޔިތުންގެ ހާލަތު ދިރާސާކުރުމަށްފަހު ނިންމަވާ ނިންމުންތަކެއް ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *