Tuesday, 28 July 2026
ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއެއް ހައްޔަރުކުރަނީ -- އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަނީ ލޯންޑަރިން ހިންގި ބަންގްލަދޭޝް މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހޮސައިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކޮށް، އެޖެންޓެއްގެ ރޯލު އަދާކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގެ ކުށުގައި ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާ ހުކުމްކޮށްފި އެވެ. ޝަހާދަތު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިޢުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ހުކުމް އައީ އެ އެއްބަސްވުމުގެ ދަށުންނެވެ.

ޝަހާދަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ، ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދެ ދައުވާ ހިމެނެ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގޮތުގައި 'އެމްޕްލޯއިމަންޓް އެޖެންސީ' ހިންގާ އުސޫލުން ބިދޭސީން ރެކްރޫޓްކޮށް، ރާއްޖޭގައި ވަޒީފާދޭ ކުންފުނިތަކުގެ ރެޕްރެޒެންޓިވްއެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވެ އެވެ. އަދި ބިދޭސީންނަށް މަސައްކަތްކުރުމަށް ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ގަވާއިދާ ހިލާފަށް ކޯޓާ ހަމަޖައްސައި، އެ މަސައްކަތުން ލިބުނު ފައިސާ އޭނާގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ.

ދައުލަތުގެ ތަފްސީލުތަކުން ދައްކާ ގޮތުގައި 23 އޮކްޓޯބަރު 2019 އިން ފެށިގެން 15 އޮކްޓޯބަރު 2024 އާ ހަމައަށް ޝަހާދަތުގެ އަމިއްލަ އެކައުންޓްތަކުގައި 8.2 މިލިއަން ރުފިޔާ ދައުރުކޮށްފައިވެ އެވެ. އޭނާ ވަނީ މި ހުރިހާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމާއެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގެ އަދަބަކަށް ހަ މަސް ދުވަހަށް ޖަލަށްލުމާއެކު 21،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ. މި ދައުވާތަކުގެ އަދަބު ގާނޫނީ ގޮތުން ތިން އަހަރާއި ފަސް މަހުގެ ޖަލު ހުކުމަކަށް އަރާނެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވަނީ އިޢުތިރާފު އެއްބަސްވުން ޝަރީއަތަށް ބަލައިގަނެ، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޝަހާދަތުގެ މައްޗަށް ހުކުމް ކަނޑައަޅުއްވާފަ އެވެ.

ހުކުމް ކުރުމުގެ ކުރިން ޝަހާދަތު މި މައްސަލައާ ގުޅިގެން ޖުމުލަ 10 މަހާއި 17 ދުވަސް ބަންދުގައި ހޭދަކޮށްފައިވެ އެވެ. އެ މުއްދަތު އުނިކުރުމަށްފަހު، އޭނާ ޖަލު ހުކުމުން ތަންފީޒުކުރަން ޖެހޭ މުއްދަތަކީ ދެ އަހަރާއި އެއް މަހާއި 12 ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *