ޔުނެސްކޯގެ އިންޓަ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ، މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފިއެވެ. މި ބޯޑަކީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލެވުނު ބޯޑެކެވެ. މީގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ރަށްތައް ސުނާމީގެ ނުރައްކަލަށް ތައްޔާރުކުރުމަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަކުރުމަށް މަސައްކަތް ކުރުމެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި ހިމެނެނީ އެންޑީއެމްއޭގެ އިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، ސިއްހީ ވުޒާރާ، މާލީ އަދި ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ހިދުމަތް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންނެވެ. މި ކޮމިޓީ ޗެއާކުރައްވާނީ އެންޑީއެމްއޭއިން ކަމަށާއި، ވައިސް ޗެއާއަކީ ސިޓީތަކާއި ބެހޭ ވުޒާރާ ކަމަށް ވަނީ ހަމަޖައްސާފައެވެ. މި ބޯޑުގެ މައިގަނޑު ޒިންމާއަކީ ޓީއާރުއާރުޕީ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، ޔުނެސްކޯގެ މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމެވެ.
ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލާ މުހިންމު ކަންތައްތަކުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި، ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭނެ ގޮތަށް ރަށްރަށުގައި ބެހެއްޓުން ހިމެނެއެވެ. ޔުނެސްކޯއިން މި ޕްރޮގްރާމް އެހެން ގައުމުތަކުގައި ހިންގަނީ ހަމައެކަނި ސުނާމީއަށް ހާއްސަކޮށްގެން ކަމުގައިވީ ނަމަވެސް، ރާއްޖޭގައި މި ޕްރޮގްރާމް ހިންގަނީ ސުނާމީގެ އިތުރުން ރާއްޖެއަށް ދިމާވާ އެހެނިހެން ކާރިސާތަކަށްވެސް ހޭލުންތެރިކަން އިތުރުކުރެވޭނެ ގޮތަކަށެވެ.
މި ބޯޑު އެކުލަވާލުމާއެކު، ޓީއާރުއާރުޕީ ޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް މިހާރުވެސް ދަނީ ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުއްޓަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. \


