Tuesday, 28 July 2026
ތިލަމާލެ ބްރިޖު

ތިލަމާލެ ބުރިޖުގެ 67.4 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބުރިޖުގެ ބޮޑު މަޝްރޫޢުގެ ޖުމުލަ މަސައްކަތްތަކުގެ 67.4 އިންސައްތަ ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފި އެވެ. މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ކުރިއަށް ގެންދާ ގައުމީ ބޮޑު މަޝްރޫޢެކެވެ.

މިނިސްޓްރީން ދެއްވާފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މި ބުރިޖުގައި ޖެހުމަށް ކަނޑައަޅާފައިވާ ހުރިހާ ތަނބެއްގެ ޕައިލިންގް މަސައްކަތް ވަނީ އެއްކޮށް ނިންމާލާފަ އެވެ. މީގެ އިތުރުން މަޝްރޫޢުގެ މުހިންމު ބައެއް ކަމަށްވާ ޕައިލްކެޕް ބިނާކުރުމާއި ޕިއާ ކޮލަމްތަކުގެ 98 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.

ބުރިޖުގެ ސިފަ ޖެއްސުމަށާއި ޑެކު އެޅުމަށް ބޭނުންވާ ސެގްމެންޓުތައް ޕްރީކާސްޓު ކުރުމުގެ މަސައްކަތްވެސް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިގޮތުން ޕްރީކާސްޓު ކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބިނާކުރެވުނު ސެގްމެންޓުތަކުގެ ތެރެއިން 36 އިންސައްތަ ސެގްމެންޓު މިހާރު ވަނީ ބުރިޖުގެ ޑެކަށް ލޯންޗުކުރެވިފަ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫޢުގެ ޖުމުލަ އަގަކީ 7 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫޢަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުންނާއި ބާކީ ބައި ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *