Tuesday, 28 July 2026

ކަރަންޓްގައި ޖެހި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އަޒްމީލް ނިޔާވެއްޖެ

ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް (43 އަހަރު) ނިޔާވެއްޖެއެވެ. އަޒްމީލް ނިޔާވީ އިތުރު ފަރުވާއަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ތައިލެންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުއެވެ.

އަޙްމަދު އަޒްމީލްއަކީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން އައި މުވައްޒަފެކެވެ. އޭނާއަށް ކަރަންޓްގައި ޖެހިގެން ބޮޑެތި އަނިޔާ ލިބުނު ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ބާ އިންޖީނުގޭގައެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އަޒްމީލްގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައިފައެވެ.

“ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކު. އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދެން. އަދި މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން.” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އަޒްމީލް ކަރަންޓްގައި ޖެހުނު ދުވަހު ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކުންފުނިންނާއި ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *