Tuesday, 28 July 2026

ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މެމްބަރު މައުރޫފް ހައްޔަރުކޮށްފި

ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން މާލޭ ފަޅުތެރޭގައި ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާ ބައެއް އޮޑިދޯނިފަހަރުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދާދި ދެންމެއަކު ބުނިގޮތުގައި މި މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހެއް މިޙާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މެމްބަރު މައުރޫފްވެސް ހިމެނެއެވެ. އަދި މުޒާހަރާގެ ތެރެއިން 2 ދޯނިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.. އިއްޔެ ފެށި މި ހަރަކާތުގައި 25 ވަރަކަށް ދޯނި ބައިވެރިވެފައިވެ އެވެ.

މި މުޒާހަރާ އަކީ އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހާ ދިމާކޮށް މުޒާހަރާ އަށް ނުކުތީ ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެވެ.

ދޯނިތަކަށް އަރައި މީހުން ހައްޔަރު ކުރަން ފުލުހުން ފެށުމާ އެކު ބީކޭއެމްޔޫގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު ވިދާޅުވީ ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ކޯޓާ އޮވެގެން ގަވާއިދާ އެއްގޮތަށް ދޯނިތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ "މަގުބޫލު" ނަމަކަށް ކިޔާ މަސް ދޯންޏެކެވެ.

ފުލުހުން މިއަދު ވަނީ މުޒާހަރާގަިއ ބައިވެރިވަމުންދާ ބިދޭސީން އިމިގްރޭޝަނާއި ގުޅިގެން ހައްޔަރުކުރަން ފަށާފައިވާކަމަށް ބުނެފައެވެ.

މި މުޒާހަރާގައި މަސްވެރިން އަންނަނީ ސަރުކާރަށް ތިން ޑިމާންޑެއް ކުރަމުންނެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި، ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި، ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. މި ޑިމާންޑްތައް ފުއްދައިދިނުމަށް މަސްވެރިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *