Tuesday, 28 July 2026
މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ވަނީ ނުސާފުވެފައި.-- ފޮޓޯ: ރާއްޖެ24

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެއްޖެ!

މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައިގެ ފެންވަރު ނުރައްކާތެރި މިންވަރަކަށް ދަށްވެފައިވާ ކަމަށް، ވައިގެ ފެންވަރު ބަލާ މޮނިޓާތަކުން ދައްކައިފި އެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ. މިހާ ހިމުން ހިރަފުސް ނުވަތަ ކުނޑި ވައިގެ ތެރޭގައި ހުރުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިކުރުވާނެ ކަމެކެވެ. މީގެ އިތުރުން މިއަދު މާލެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ދަށްވެފަ އެވެ.

މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި ރާއްޖޭގެ ވައި މިހާރު ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު ކަމަށްވާ ހިމާލަޔާސް އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ. މި ވައިގައި ހިމެނެނީ ހިރަފުހާއި ފެކްޓްރީތަކުން އަރާ ދުންފަދަ ނުސާފުކަންތައްތަކެވެ. މިހާރު އިންޑިއާގެ މަތީގައި އޮތް ހިރަފުސްގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ލަކްޝަދީޕްގެ ރަށްތަކަށް ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަމުގެ އަސަރު ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ގޯސްވާނެ އެވެ. އިންޑިއާގެ ނިއު ދިއްލީގައި ވެސް މި ދުވަސްވަރު ވައި ނުސާފުވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *