Tuesday, 28 July 2026

މަސްވެރިކަމަކީ ދިވެހީންގެ އެންމެ ފަޚުރުވެރި ދިވެހިވަންތަ މަސައްކަތް: ރައީސް މުޢިއްޒު

ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ އެންމެ ބޮޑަށް ގުޅިފައިވާ، އަދި އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ޚާއްސަ މެސެޖް ރައީސް ހިއްސާކުރެއްވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި އިޝާރާތްކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ މަސްވެރިކަމަކީ ދިވެހީންގެ ދިރިއުޅުމާ ވަކިނުވާނެ ގޮތަކަށް ގުޅިލާމެހިފައިވާ ދާއިރާއެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި ދެމިއޮތުމަކީ މި ގުޅުން ހާމަކޮށްދޭ ކަމެކެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒުތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމެވެ. މީގެ އިތުރުން މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކޮށް، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ވަނީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި، ކެރުމާއި، ހިތްވަރަށް ސާބަސް ދެއްވައި، ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސް ޑރ. މުޢިއްޒު އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *