މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިންގެ އިހުތިޖާޖު މިއަދު ފަށައިފި އެވެ. މި އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވެފައިވެ އެވެ. އިހުތިޖާޖު ކުރިއަށް ގެންދަނީ މިއަދު ހެނދުނު 9:30 ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގައެވެ.
މި އިހުތިޖާޖުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލުމެވެ. މަސްވެރިންގެ މި އިހުތިޖާޖުގައި ސަރުކާރަށް މައިގަނޑު ގޮތެއްގައި ތިން ޑިމާންޑެއް ކުރަމުން ދެއެވެ. މި ޑިމާންޑުތަކަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަންކަމެވެ. އެގޮތުން، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމަށް އެދެއެވެ. އަދި ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް މަސްވެރިން ގޮވައިލަމުން ދެއެވެ.
މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރައްވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، އެ ޔޫނިއަން އުފެދުނު ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް، ސަރުކާރުތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ގިނަ ވައުދުތަކެއް އެބަހުއްޓެވެ.
މަސްވެރިން ބުނެފައިވާ ގޮތުގައި، ސަރުކާރުން އެދެވޭ ޖަވާބެއް ލިބި، އެމީހުން ގަބޫލުކުރާ ފަދަ ހައްލެއް ނުލިބެނީސް މި އިހުތިޖާޖު ހުއްޓާނުލާނެއެވެ. މީގެ ކުރިން ވެސް ކޮންމެ އަހަރަކުހެން މި ޔޫނިއަނުން ވަނީ މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިހުތިޖާޖުކޮށްފަ އެވެ.


