Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިފަދައިން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ އިންތިހާބު ކުރުމާ ގުޅިގެން، އޭނާ އަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލް ވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" ނަޝީދު ވިދާޅުވިއެވެ. ނަޝީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައިވާ އަދި އެ ޕާޓީގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ބޭފުޅެކެވެ.

ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެ މަނިކުފާނު އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށެވެ. އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ނަޝީދުގެ ތާއީދު އެމްޑީޕީ އަށް އޮންނާނެ ކަމަށް ވިދާޅުވިއިރު، އެ ޕާޓީގެ އެތެރޭގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ކޯޅުމުގެ ކަންކަން ފެނިފައިވެ އެވެ.

ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރުމުގެ މަސައްކަތުގައި، މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ފެކްޝަނުން ވެސް ވަނީ ހިޔާލު އެއްގޮތްކޮށް އެއްގަލަކަށް އަރާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *