ހަމާސްގެ ހަތިޔާރު ބަހައްޓާނެ ކަމަށް އެ ޖަމާއަތުގެ އިސް ލީޑަރުން އެމެރިކާގެ ނޭޝަނަލް ޕަބްލިކް ރޭޑިއޯ (އެންޕީއާރް) އަށް ދެއްވީ ބަސްދީގަތުމެއްގައި ވިދާޅުވެއްޖެއެވެ. ނަމަވެސް، އެކަން ކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް ވެސް އެ ލީޑަރުން ވިދާޅުވިއެވެ. މިއީ ހަމާސްގެ ހަތިޔާރުތަކަކީ ރެޑް ލައިނެއް ކަމަށް ދެކެމުން އައި އެ ޖަމާއަތުގެ ދިގު މުއްދަތުގެ ސްޓޭންޑަށް އައި ބޮޑު ބަދަލެކެވެ.
ހަމާސްގެ އިސް ލީޑަރުން އެންޕީއާރްއަށް ވިދާޅުވީ، ޝަރުތުތަކަކާއެކު ހަތިޔާރު ބަހައްޓަން ތައްޔާރު ކަމަށެވެ. ދެ އަހަރުގެ ހަނގުރާމައަށް ފަހު، މި ބަދަލު އައިސްފައި މިވަނީ ރައީސް ޓްރަމްޕް މެދުވެރިވެގެން ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ނާޒުކު ދަނޑިވަޅެއްގައެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހވިދާޅުވެފައިވަނީ ހަމަލާ ހުއްޓާލުމުގެ ދެވަނަ ފިޔަވަހީގައި ހަމާސްގެ ހަތިޔާރު ނައްތާލުން ވެސް ހިމެނޭ ކަމަށެވެ. ހަމާސްގެ އިސް ލީޑަރުން މިކަމާ ބެހޭ ގޮތުން ވިދާޅުވީ، ހަމާސްއަކީ ސިޔާސީ، އައިޑިއޮލޮޖީ ގޮތުން އިސްލާމީ ދިފާއީ ޖަމާއަތެއް ކަމަށާއި، އިޒްރޭލުގެ ބާރުގެ ދަށުގައި ފަލަސްތީނު އޮތްހާ ހިނދަކު އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުލިބޭހާ ހިނދަކު ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ހަތިޔާރު އެޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، ގަތަރުގައި ހުންނަ ހަމާސްގެ ސިޔާސީ ލީޑަރޝިޕްގެ މެންބަރެއް ކަމަށްވާ ބާސިމް ނާއިމް އެންޕީއާރްއަށް ވިދާޅުވީ، ގައްޒާ އިޒްރޭލުގެ ބާރުގެ ދަށުގައިވުމާއި، އަދި އެ ޖަމާއަތް ބަރޯސާވާ ސަރަހައްދީ ގައުމުތަކުގެ ޕްރެޝަރާ ހެދި، ހަތިޔާރު ބޭނުން ނުކޮށް ފަސް އަހަރު، ހަތް އަހަރު ނުވަތަ ދިހަ އަހަރު ވެސް އުޅެނ ތައްޔާރު ކަމަށެވެ.
"މި މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހަމަލާ ނުދޭހާ ހިނދަކު، ހަތިޔާރު ބަހައްޓަން ތައްޔާރު. އެކަން ކުރާނީ ފަލަސްތީނުގެ ގެރެންޓީތަކާއި، ސަރަހައްދީ ގެރެންޓީތަކާއި، ބައިނަލްއަގްވާމީ ގެރެންޓީތަކާއެކު. ދެވަނަ ސުވާލަކީ އަބަދުވެސް، ފަލަސްތީނުގެ ރައްޔިތުން ހަތިޔާރު ނައްތާލަން ޖެހޭ ކަމަށް ބުނޭ. އަނެއް ފަރާތަކީ ކޮބާހޭ؟" ބާސިމް ނާއިމް ވިދާޅުވީއެވެ. އެހެންކަމުން، ހަމާސްގެ ޝަރުތުތަކުގެ ތެރޭގައި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް މަގުފަހިވާ ސިޔާސީ މަޝްވަރާތަކެއް ފެށުން ހިމެނެއެވެ. ނަމަވެސް، މިހާރުގެ އިޒްރޭލު ސަރުކާރުން ބުނަމުންދަނީ ފަލަސްތީނު ދައުލަތެއް ގާއިމުވުމަކީ ނުވާނެ ކަމެކެވެ.
މިކަމާ ބެހޭ ގޮތުން މަޝްވަރާތައް އަދި ފެށިފައެއް ނުވެއެވެ. މެދުވެރިން ބުނާ ގޮތުގައި، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޓްރަމްޕްގެ އިދާރާއަށް މިހާރު އިންތިޒާރު ކުރެވެމުންދާކަމަށެވެ. ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރު ނައްތާލުމަށް ބުނެފައިވީ ނަމަވެސް، އެކަން ކުރާނެ ގޮތެއް ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.


