ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ދެ މައްސަލައެއްގައި ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ. އަދި އެ މުއައްސަސާއިން ބުނީ މައްސަލައާ ގުޅިގެން އެ މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. މުނައްވަރު އާދަމަކީ ސީނިއަ ސާޖަންޓް ރޭންކުގައި ހުރި މީހެކެވެ.
"މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ވިލިމާލޭ ސްޓޭޝަނުން ސިނގިރޭޓު ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ކުރިން ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށެވެ.
އެކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، އެހެން މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 25 ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ 25 ކާޓަންގެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.


