ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
އެލްޖީއޭ އިން މިއަދު ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭ އެ އިންކުއަރީ ކުރިއަށްގެންދިއުމުގައި އެ ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
ވަހީދަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކުރުމަށް ނިންމާފައި ވަނީ، މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައިފައި ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. މިގޮތުން، އެ ގޮތަށް ނިންމާފައި ވަނީ، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، އަށް މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށް އެ ބަޔާނުގައިވެއެވެ.
އިންކުއަރީގައި އެލްޖީއޭއިން ބެލި މައްސަލަތަކަކީ:
- މި އަހަރު ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވުން
- މާލިއްޔަތު ގަވައިދާ ޚިލާފަށް 2023ގައި، ހޯރަފުށީ ކައުންސިލުން އެ ރަށު ބަނދަރު ސަރަހައްދުގައި އިންދަން ކަދުރު ރުށްތަކެއް ގަނެފައިވުން
- ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އެ ކައުންސިލުން ހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވުން
- 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓާއި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކޮށްފައިވުން
- ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަ
- މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ
- 1446 ވަނަ އަހަރު އަޟްހާ އީދަށް ރަށުތެރެ ދިއްލުމަށް ބޭނުންވާ ލައިޓު ގަތުމަށް ސްޕްލިޓުކޮށްގެން ނުވަތަ ބައިބަޔަށް ބަހައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ޚިލާފަށް ދޫކޮށް، އެތަކެތި ކައުންސިލަށް ލިބިފައިނުވުން
އެލްޖީއޭ އިން ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތް ކަމަށެވެ.
އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ދީފައިވާ ލަފައަށް ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާ ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.


