Tuesday, 28 July 2026

ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނެއް ރެއިޑްކޮށް، 18 ބިދޭސީން އަތުލައިގެންފި

މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 18 ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑް އޮޕަރޭޝަނުގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ގެންދަނީ މިފަދަ އޮޕަރޭޝަންތައް މާލޭ ސަރަހައްދުގައި ހިންގަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 27ގައި ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިހާތަނަށް ޤަވާއިދާއި ޚިލާފަށް އުޅުނު 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *