ޚާއްސަ ހާލަތްތަކުގައި ރައްޔިތުންނަށް ޕެންޝަން ފަންޑުން ފައިސާ ލިބޭނެ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި އާންމު ފަރާތަކުން ވަނީ ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ފުރުޞަތުތައް އިތުރުކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ޤާނޫނަށް ގެންނަން ހުށަހަޅުއްވާ އިސްލާޙާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ޕެންޝަން ނިޒާމަށް ބަދަލު ގެނައުމަކީ ދައުލަތުގެ ބަޖެޓަށް ބުރަވާ މިންވަރު ކުޑަކުރުމަށް ވެސް މުހިންމު ކަމެކެވެ. މިވަގުތު ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާއިރު، ކުރީގެ ސަރުކާރުތަކުން ވެސް މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބިވާތީ، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ޕެންޝަން ނިޒާމުގައި ހުރި ނަހަމަ ކަންތައްތައް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައެވެ.


