ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އަމާޒު ކޮށްގެން މުހިންމު ޚިދުމަތްތަކެއް ދިނުމަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" އަންނަ މަހު ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ފަޤީރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަކާތު ބެނެފެޝިއަރީ ކާޑު އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި މިނިވަން އިދާރާއެއްގެ ގޮތުގައި އުފައްދަވައި، އެ އިދާރާއާ ހަވާލުކުރެއްވި މުހިންމު މަސްއޫލިއްޔަތެއް ކަމުގައިވާ ފަޤީރު ކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތެކެވެ. މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުން ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ކާޑު ތަޢާރަފްކުރަނީ ޒަކާތު ހައުސްއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ކާޑަކީ އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭނެ ވަސީލަތެކެވެ.
ވަޒީރު ވިދާޅުވީ، "މިކާޑު އޮތީމަ އޭނާއަކީ، ކާކުކަން ދެނެގަނެވޭނެ. އެހެންވެ އޭނައަށް ލިބިދޭންޖެހޭ އެހީ، ޒަކާތު ހައުސްއިން އޭނައަށް ދޭ އެހީ އެކާޑުން އޭނައަށް ޕޭ ކުރެވޭނެ. މިސާލަކަށް ރަމަޟާން މަހުގައި އަޅުގަނޑުމެން ފަޤީރު މީހާއަށް މިދިނީ ކާބޯތަކެތި. އެ ކާބޯތަކެތީގެ ބަޖެޓަށް އެމީހަކަށް ކަނޑައަޅާފައި މިއޮތީ މިސާލަކަށް 5000 ރުފިޔާ. މި ރުފިޔާއާ ހަމައަށް ކަނޑައެޅިފަ ހުންނަ ފިހާރަތަކަކުން އޭނާއަށް ކާބޯތަކެތި ގަނެވޭނެ."
މި ނިޒާމުގެ ސަބަބުން ފަޤީރުން އޮފީސްތަކަށާއި ތަންތަނަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހަކޮށް ލިބިދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކާޑު ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކާ އެއްފަދައިން ބަލައިގެން، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ޖަނަވަރީ މަހު މި ކާޑު އިފްތިތާޚު ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.


