Tuesday, 28 July 2026

ސޫދާނުގެ ޕްރީ ސްކޫލަކަށް ދިން ހަމަލާއެއްގައި 33 ކުޑަކުދިން ހިމެނޭ ގޮތަށް 50 މީހުން މަރުވެއްޖެ

ސޫދާނުގެ ޕެރަމިލިޓަރީ ފޯސްތަކުން އެ ގައުމުގެ ދެކުނު-މެދު ސަރަހައްދެއްގައި ހުރި ޕްރީ ސްކޫލަކަށް  އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި 33 ކުޑަކުދިން ހިމެނޭ ގޮތަށް 50 މީހުން މަރުވެއްޖެ ކަމަށް ޑޮކްޓަރުންގެ ޖަމާއަތަކުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ސޫދާނުގެ ހަނގުރާމަވެރިކަން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގައެވެ.

ޑޮކްޓަރުންގެ ޖަމާއަތުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުތު ކޯޑޯފާން ސްޓޭޓްގެ ކަލޯގީ ޓައުންގައި ހަރަކާތްތެރިވަމުން ދިޔަ ޕެރަމެޑިކްސްގެ ބަޔަކަށް ވެސް ދެވަނަ ކުއްލި ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ. މި ސަރަހައްދުގައި މުވާސަލާތީ ގޮތުން ދަތިތަކެއް ހުރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.

ބުރާސްފަތި ދުވަހު ދިން މި ހަމަލާއަކީ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ނަމުން މަޝްހޫރު ޕެރަމިލިޓަރީ ގްރޫޕާއި ސޫދާނުގެ އަސްކަރިއްޔާއާ ދެމެދު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގެ އެންމެ ފަހުގެ ހަމަލާއެވެ. މި ހަނގުރާމަ މިހާރު އެންމެ ބޮޑަށް އަމާޒުވެފައިވަނީ ތެޔޮ މުއްސަނދި ކޯޑޯފާން ސްޓޭޓްސް އަށެވެ. އާރްއެސްއެފް އިން އެލް-ފާޝާރްގެ ބޮޑު ބައެއް ހިފުމަށް ފަހު، ހަނގުރާމައިގެ ބާރު މިހާރު ވަނީ ދާފޫރުން ކޯޑޯފާން ސްޓޭޓްސްއަށް ބަދަލުވެފައެވެ. މިދިޔަ ކޮންމެ ހަފްތާއެއްގައި ވެސް ކޯޑޯފާން ސްޓޭޓްސްގައި ސަތޭކައެއްހާ އާންމުން ވަނީ މަރުވެފައެވެ. އާދިއްތަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައި ސައުތު ކޯޑޯފާންގެ ކައުދާގައި 48 މީހުން މަރުވިއެވެ.

ޔުނިސެފްގެ ސޫދާނަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޝެލްޑަން ޔެޓް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުޑަކުދިންގެ ސްކޫލަކަށް ހަމަލާދީ ކުދިން މަރާލުމަކީ ކުޑަކުދިންގެ ހައްގުތަކަށް ކުރެވުނު ނުރައްކާތެރި އަނިޔާއެއް ކަމަށެވެ. ޔެޓް އިތުރަށް ވިދާޅުވީ، ކުޑަކުދިންނަކީ ހަނގުރާމައިގެ އަގު ދައްކަން ޖެހޭ ބައެއް ނޫން ކަމަށެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަށް ވެސް މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ބޭނުންޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރައްކާތެރިކަމާއެކު ހުރަސްތަކެއް ނެތި ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

އާރްއެސްއެފް އިން އެލް-ފާޝާރް ހިފުމުގެ ތެރޭގައި އާންމުން މެރުމާއި، ޖިންސީ ގޯނާކުރުން ފަދަ ނުރައްކާތެރި ޖަރީމާތައް ހިންގާފައިވެއެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވޯލްކާ ޓާކް ވަނީ ކޯޑޯފާންގައި ވެސް އެލް-ފާޝާރްގައި ހިނގިފަދަ ނުބައި ޖަރީމާތައް ހިނގައިފާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

2023 ވަނަ އަހަރުން ފެށިގެން ސޫދާނުގެ ބާރަށް ވެރިވުމަށް އާރްއެސްއެފް އާއި ސޫދާނުގެ އަސްކަރިއްޔާ ދަނީ ހަނގުރާމަ ކުރަމުންނެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ހަނގުރާމައިގައި 40،000 އަށް ވުރެ ގިނަ މީހުން މަރުވެ، 12 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް އެހީދޭ ޖަމާއަތްތަކުން ބުނަނީ އަސްލު އަދަދު މާ މަތިވެދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *