ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހަކީ ގައުމީ ސަލާމަތާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ. ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ތިން މަސް ފަހުންނެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. ބިލުގެ ޖަދުވަލު އެކެއްގައިވާ ގޮތުން، މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ އެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި ގާނޫނުގައިވާ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެއެވެ. އަދި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑުރަގު ކޯޓު ހިންގުމުގެ އުސޫލުތައް މުރާޖައާކުރުމަށް ވެސް ވަނީ ހިމަނާފައެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ބިލުގައި ވަނީ މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ރައީސުލްޖުމްޙޫރިއްޔާއަށް އަންގައިދިނުމަށް ވެސް ހިމަނާފައެވެ.


