Tuesday, 28 July 2026

10،000 މެންބަރުން ހަމަވަނީ އެންމެ ހަތަރު ސިޔާސީ ޕާޓީގައި: އީސީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުންގެ ޢަދަދު މިހާރު ހަމަވަނީ އެންމެ ހަތަރު ސިޔާސީ ޕާޓީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު، ޤާނޫނުގައި އޮންނަ ގޮތުން މި ފައިސާ ދޫކުރެވޭނީ ޕާޓީގެ މެންބަރުންގެ ޢަދަދު 10،000 އަށް އަރާނަމަ އެވެ.

މިކަން ހާމަކޮށް އީސީން މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު އެ ޢަދަދު ހަމަވާ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީގެ އިތުރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން، ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން އެންމެ ފަހުން ޕާޓީތަކަށް ފައިސާ ދޫކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ދުވަސްވަރު ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި އޮތް 9 ޕާޓީގެ ތެރެއިން ފަސް ޕާޓީއަކަށް ފައިސާ ލިބުނެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ. ނަމަވެސް، މިހާރު އެ ޢަދަދު ހަމަވަނީ ހަތަރު ޕާޓީއަކަށް ކަމަށް އީސީން ބުނެފައިވާއިރު، މެންބަރުންގެ ޢަދަދު 10،000 އިން ދަށަށް ގޮސްފައިވަނީ ކޮން ޕާޓީއެއްކަން އީސީން ހާމަކޮށްފައެއް ނުވެ އެވެ.

މިހާރު ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީ އެވެ. ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިހާރު ޖުމްލަ 9 ޕާޓީ ހިމެނެ އެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްޑީއޭ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)، ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *