އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ރޭ ހާމަކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި ހުރިހާ ތަންތަނެއް ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ނައްތާލުމަށް ފުލުހުން ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ އިތުރު މީހެއްކަމަށްވާ ސ. ހިތަދޫ، ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ މިހާރު ވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިއްޔެ ވަނީ އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑުރަގް ވިޔަފާރި ކުރާ އެއް ނެޓްވޯކްގެ އިސް މީހުންތަކެއް ނުވަތަ ބޮޑުން ހައްޔަރުކޮށްފައިވާކަމަށް ހާމަކޮށްފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ ފަސް މީހަކު ހައްޔަރުކުރިއިރު، އެ މީހުންގެ ވަނަވަރު ވެސް މިއަދު ވަނީ އާންމުކޮށްފައެވެ. އެ ފަސް މީހުންނަކީ: އަލީ ނަދީމް (ސ. ހިތަދޫ، ކޮންމުލި)، ހާފިޒު ފައުޒީ (ސ. ހިތަދޫ، ފަލާހް)، އިބްރާހިމް ސިރާޖު (ސ. ހިތަދޫ، ވެޔޮފެހެބުރުގެ)، ހަސަން އަލްފާފް (ސ. ހިތަދޫ، ދޮރުފޮތިމާގެ)، އަދި އަމީން މުޙައްމަދު (ސ. ހިތަދޫ، ކެކުރިމާގެ) އެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ބޮޑު މަސައްކަތެއްގެ ބައެއް ކަމަށްވާއިރު، އައްޑޫ ސިޓީގައި މިކަން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


