Tuesday, 28 July 2026

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކޮށްފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތެއްގައި އެވެ. މަސްތުވާތަކެތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެމީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.

މަރުގެ އަދަބު ކަނޑައެޅޭ ބާވަތްތަކާއި ބަރުދަންތައް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން، ނުވަތަ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން ހިމެނެ އެވެ. އަދި ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައި ވާން ޖެހެ އެވެ.

ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެ އެވެ. މަރުގެ ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. މީގެ އިތުރުން، މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *