Wednesday, 29 July 2026

ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި

އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރުން 2028 ވަނަ އަހަރަށް ފަސްކޮށް، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓު އަލުން އިސްލާހުކޮށްފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި 'ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން’، މި ގަރާރަށް އިސްލާހު ގެންނަވާފައި މިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފައާ އެކުއެވެ.

އެގޮތުން ބަދަލު ގެންނަވާފައިވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ.

މި އިސްލާހު ގެންނެވުމުގެ ކުރީން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައި ވަނީ، 1 ޑިސެންބަރު 2025 އެވެ.

އާ ގަރާރުގައިވާގޮތުން އިސްލާހާއެކު، އެ ތާރީހު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކުރައްވާފައެވެ. އަދި މި އިސްލާހު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި އޮތީ، 1 މާރިޗު 2026 ގައެވެ. އިސްލާހާއެކު މި ތާރީހި ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވާފައެވެ.

އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވެސް ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ގަރާރަކުން ފަސްކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *