Tuesday, 28 July 2026

ސައިކްލޯން ދިތުވާ: ލަންކާއަށް އެހީވުމަށް އިންޑިއާ ސިފައިންގެ ހާއްސަ ޓާސްކް ފޯސް އާއި ދެ ފީލްޑް ހޮސްޕިޓަލް ފޮނުވަނީ

ސައިކްލޯން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްދާ 'އޮޕަރޭޝަން ސާގަރު ބަންދޫ’ގެ ދަށުން، އިންޑިއާ ސިފައިން  ގެ ފަރާތުން ހާއްސަ ޓާސްކް ފޯސް އެއް އެ ޤައުމަށް ފޮނުވައިފިއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުންި މި ޓާސްކް ފޯސްއަކީ ސެލްފް-ކޮންޓެއިންޑް، ހިއުމަންޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) ޔުނިޓެކެވެ. އަދި މި ޓީމުގެ މަޤްސަދަކީ ސްރީ ލަންކާގެ ޢާންމު ހިދުމަތްތައް އަލުން ގާއިމުކުރުމާއި، ގެއްލުން ލިބުނު އާއިލާތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ ސިފައިންގެ އެޑިޝަނަލް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ޕަބްލިކް އިންފޮމޭޝަން (އޭޑީޖީޕީއައި) އިން އެކްސް ގައި ބުނެފައިވަނީ، މި މިޝަންއިން ދައްކުވައިދެނީ އިންޑިއާ ސިފައިންގެ ސިވިލައިޒޭޝަނަލް ވައުދެއް ކަމަށްވާ 'ވަސުދައިވަ ކުޓުންބަކަމް – މި ދުނިޔެ އަކީ އެއް އާއިލާ' އެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން މި ދަތި ވަގުތުގައި ސްރީ ލަންކާއާ އެކު ސާބިތުކަމާއެކު އެބަތިކަމަށް އޭނާ ވަނީ ބުނެފައެވެ.

ސްރީ ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވަނީ، ލަންކާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ދެ ފީލްޑް ހޮސްޕިޓަލް މިރޭގެ ކުރިން ފޮނުވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލާއެކު 70 މީހުންގެ ޞިއްޙީ ޓީމެއްވެސް ވަނީ ފޮނުވާނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާ ސިފައިން މި ޚާއްސަ ޓީމު ސްރީ ލަންކާއަށް ފޮނުވާފައިވަނީ ނޮވެމްބަރު 28 ގައި ފެށި 'އޮޕަރޭޝަން ސާގަރު ބަންދޫ' ގެ ދަށުންނެވެ. މި އޮޕަރޭޝަންގެ މަޤްސަދަކީ ސައިކްލޯން ދިތްވާގެ ސަބަބުން ލަންކާގައި ހިނގި ފެންބޮޑުވުންތަކާއި، ފުރާނަ ގެއްލުންތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޓީމުގައި ހިމެނެނީ ޑޮކްޓަރުންނާއި، އިންޖިނިއަރިން އަދި ސިގްނަލްސް ކޮމްޕޯނެންޓްސް އެވެ. މެޑިކަލް ޓީމުގައި އެޑްވާންސްޑް ޑްރެސިންގ ސްޓޭޝަންސް (އޭޑީއެސް) އާއި މޮބައިލް ސަރޖިކަލް ޓީމްސް (އެމްއެސްޓީ) ހިމެނެއެވެ.

މި ޓީމުގައި އޮޕަރޭޓިންގ ތިއޭޓަރެއް ހުރެއެވެ. އަދި އެއްފަހަރާ 20-30 ބަލިމީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ހުރެއެވެ. އަދި އިންޖިނިއަރިން ޓީމުން ދަނީ އަސާސީ ޚިދުމަތްތައް އަލުން ގާއިމުކުރުމަށް އެހީތެރިވަމުންނެވެ. އަދި ސިގްނަލްސް ޑިޓެޗްމަންޓުން ރިލީފް މަސައްކަތްތަކަށް ބޭނުންވާ މުވާސަލާތީ ޚިދުމަތްތައް ކަށަވަރުކުރަމުންދަ ކަމަށްވެސް ހަބަރުތަކުގައި ބުނެފައިވެއެވެ.

ސައިކްލޯން ދިތްވާގެ ސަބަބުން ސްރީ ލަންކާގައި މަރުވި މީހުންގެ ޢަދަދު ވަނީ 410 އަށް އަރާފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ދިން އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، 407,594 އާއިލާގެ 1.4 މިލިއަން މީހުންނަށް ވަނީ މި ކާރިސާގެ އަސަރުކޮށްފައެވެ. ސްރީ ލަންކާގައި އަދިވެސް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *