Tuesday, 28 July 2026

ތޫފާން ދިތުވާއިން ލިބުނު ގެއްލުމަށް އެހީވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50 ހާސް ޑޮލަރު ސްރީލަންކާއަށް ހަވާލުކޮށްފި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ކަނޑައެޅުއްވި 50 ހާސް ޑޮލަރު އެ ޤައުމުގެ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. ދިވެހި ސަރުކާރުން ސްރީލަންކާއަށް އެހީވުމުގެ ގޮތުން 50 ހާސް ޑޮލަރާއި، 25،000 މަސްދަޅު ކޭސް ހަދިޔާކުރައްވަން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ. މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެކެވެ.

ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، އަދި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، މި އެހީއަކީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ލިބުނު ބޮޑު އެހީއެކެވެ.

ލަންކާއަށް އެހީފޯރުކޮށްދިނުމަށް ނިންމިކަން ހާމަކުރައްވަމުން ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައި ވަނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ލަންކާ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ. އަދި މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް ރާއްޖެއިން އުއްމީދުކުރާކަމަށްވެސް ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށެވެ. މީގެ އިތުރުން މަސްދަޅު ކޭސްތައްވެސް ވަރަށް އަވަހަށް ސްރީލަންކާއަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *