ޕީއެސްއެމްގެ އިސްނެގުމާއެކު ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ސްރީލަންކާއަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (245 މިލިއަން ލަންކާ ރުޕީސް) އެ ގައުމާ ހަވާލުކުރުމަށް ދިވެހި ހާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރީ މިއަދު ޕީއެސްއެމްގެ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ ލަންކާއަށް އެރި "ޑިޓްވާ" ތޫފާނާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. 29 ގަޑިއިރުގެ މި ޓެލެތޯނުގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ ބައިވެރިވިއެވެ. މި އެހީގެ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެހީގެ ފައިސާ ހިމެނޭ ރަމްޒީ ޗެކް ހާރިޖީ ވުޒާރާގެ ފަރާތުން ބަލައިގެންނެވީ މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ރާއްޖޭގެ މިހާ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެގެން މިފަދަ ބޮޑު އިވެންޓެއް ބޭއްވުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިކަމުން ވަރަށް މުހިންމު ކަންތައްތަކެއް ދައްކުވައިދޭ ކަމަށެވެ.
ޑރ. ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް އަވައްޓެރި ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ކަނޑައެޅި ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. "ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވާ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ކަނޑައެޅި އެއް ގައުމަކީ، އަބަދުވެސް ރައީސް ވިދާޅުވޭ ކުޑަ ގައުމަކަށް ވިޔަސް، ރާއްޖެއަކީ ހާއްސަކޮށް އަވައްޓެރިންނާއި ހިސާބަށް ދާއިރުގައި، އެންމެ ފުރަތަމަ ކޮޅަށް ތެދުވާނެ ގައުމޭ، އެކަން އެމަނިކުފާނު ވަރަށް ސާބިތުކަމާއި އެކު މި ހާދިސާއާ ގުޅިގެން ސާބިތުކޮށްދެއްވާފައި،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭގެ އިތުރުން، މީޑިއާތަކާއި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އަމިއްލަ ކުންފުނިތަކުން ފޯރުކޮށްދެއްވި ތަނަވަސް އެހީތެރިކަމުގެ ސަބަބުން، ދިވެހިންނަކީ ލަންކާގެ ރައްޔިތުންނަށް ވަރަށް ގާތް، އެއްބަނޑު އެއްބަފާ ބައެއްކަން ދައްކުވައިދޭ ކަމަށް ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. "ދެ ގައުމުގެ ގުޅުމާއި، ހާއްސަކޮށް އެއް ރައްޔިތުން އަނެއް ރައްޔިތަކާއި އޮތް ގުޅުން ވަރަށް ސާފްކޮށް ދިވެހިން މިއަދު އެ ގައުމުގެ ރައްޔިތުންނަށް އެ ބުނެދެނީ،" އޭނާ ވިދާޅުވިއެވެ.


